ނޫސްވެރިންނަށް ވެސް މުޖުތަމައު ގަޑުބަޑު ކުރުމުގެ ހައްގެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސަންގުޓީވީގެ ޕްރޮގްރާމެއްގައި ދެއްވި އިންޓަވިއުގައި ރައީސް ޔާމީން ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މާހައުލާ މެދު ސުވާލު އުފައްދަވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖޭގެ ނޫސްވެރިކަން އޮތީ ވަރަށް ބޮޑު ބާރުވެރިކަމެއްގެ ދަށުގައި ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަން މާބޮޑަށް ކޮންޓްރޯލް ކުރަމުންދާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ވަކިން ހާއްސަކޮށް، ކުރިން ފެނިގެން ނުދާ ފަދަ އާދައިގެ ކަންތައްތައް ވެސް މިހާރުގެ ސަރުކާރުން ކޮންޓްރޯލް ކުރަމުންދާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮންމެ ހައްގަކާއެކު ޒިންމާތަކެއް ވާކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ނޫސްވެރިންނަށް ކޮންމެ ފަދަ ވާހަކައެއް ދެއްކުމުގެ ހުއްދަ އޮވެގެން ނުވާނެ ކަމަށެވެ. ހާއްސަކޮށް ސާބިތު ނުހިފޭ ދޮގު ވާހަކަތައް ފެތުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ތަނެއްގައި ހަމަނުޖެހުން އުފެދި، އިންގިލާބެއް އަންނަ ވަރަށް ސާބިތުނުހިފޭ ވާހަކަ ދައްކައިގެން މުޖުތަމައު ގަޑުބަޑުކުރުމުގެ ހައްގު ނޫސްވެރިންނަށް ލިބިގެންވޭތޯ ސުވާލު އުފެއްދެވި އެވެ.
"ނޫސްވެރިންނަށް ހުއްދަވޭތޯ ސާބިތުނުހިފޭ ވާހަކަ ދައްކަން؟ ނޫސްވެރިންނަށް ހައްގުވޭތޯ ތަނެއްގައި ހަމަނުޖެހުން އުފެދި، އިންގިލާބެއް އަންނަ ވަރަށް ސާބިތުނުހިފޭ ވާހަކަ ދައްކައިގެން މުޖުތަމައު ގަޑުބަޑުކުރަން؟" ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ނޫސްވެރިން ވަކިކޮޅަކަށް ބުރަވެތިބެ ހަގީގަތާ ހިލާފު ވާހަކަ ފެތުރުމަކީ އެހެން މީހުންގެ ހައްގުތަކަށް އަރައިގަތުން ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، 2015 ވަނަ އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ ސިފައިން ހަތިޔާރާއެކު މަގުމަތި ކޮންޓްރޯލް ކުރަން އުޅޭކަމަށް ބުނެ ބައެއް ނޫސްތަކުން ފެތުރީ ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށެވެ.
ރައީސް ޔާމީން ގަބޫލުކުރައްވާ ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން ވާނީ އެހެން މުއައްސަސާތަކާއި ފަރުދުންގެ ހައްގުތަކަށް އުނިކަން ނުލިބޭނެ ގޮތަށް "ސްޓްރީމްލައިން" ކުރެވިގެންނެވެ. އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަންނަ ނަމަ ނޫސްވެރިކަން މިނިވަންކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށާއި، ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު މައްސަލަތަކެއް އުޅޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ބިންތައް ސަރުކާރަށް ނެގުމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރަކު!