ޖާހު އިންވެސްޓްމެންޓުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި "ދަ ގާޑެންސް" ގެ މަސައްކަތް ދިން މުއްދަތުގައި ފުރިހަމަ ނުކުރުމުން އެ ކުންފުންޏާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެފައި އޮތް އެއްބަސްވުން ބާތިލުކޮށް ތަން ހުސްކުރަން އެންގި އެންގުމަށް އަމަލުނުކޮށް ޖާހު އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅިކަން އެޗްޑީސީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ޖައުސާ ޖައުފަރު އީސާ އާދަމްގެ އާއިލާ ހިއްސާވާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި 2017 ވަނަ އަހަރު ތަރައްގީކުރަން ފެށި "ދަ ގާޑަންސް" ޕްރޮޖެކްޓް ނިންމުމަށް އެކި ފަހަރު މަތިން އެޗްޑީސީން މުއްދަތު އިތުރުކޮށްދީފައިވެ އެވެ. މިގޮތުން އެ މަޝްރޫއު ނިންމުމަށް 30 ދުވަހުގެ ނޯޓިސްއެއް ޖޫން 6، 2023 ގައި ވެސް އެޗްޑީސީން ފޮނުވި އެވެ. އަދި އެޕާޓްމަންޓްތައް ގަނެފައިވާ މީހުންނަށް ލިބޭ ގެއްލުންތައް ކުޑަކޮށް ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އެޗްޑީސީން އެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޖުލައި 2023 ގައި ބުނެފައިވެ އެވެ.
އެޗްޑީސީން ބުނީ އެނޯޓިސްގައި ބަޔާންކުރާ މުއްދަތު ކަމަށްވާ 45 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތްތައް ނުނިންމާ ހާލަތުގައި، އެއްބަސްވުން ބާތިލުކޮށް އެ ޕްރޮޖެކްޓް ޖާހު އިންވެސްޓްމަންޓްގެ އަތުން ނެގުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް، ވީ އެންމެ އަވަސް މުއްދަތެއްގައި، އެޕާޓްމަންޓްތައް ހަވާލުކުރެވޭނެ މަގު ފަހި ކުރުމުގެ ބޭނުމުގައި ކަމަށް އެޗްޑީސީން ބުނެ އެވެ.