ރާއްޖޭގެ އިގްތިސޯދު ހަލާކުކޮށްލީ އިމިނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކަމަށް ވިދާޅުވެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ ރާއްޖެ މިއަދު އޮތް އިގުތިސާދީ ފުން ވަޅުގަނޑަށް ވައްޓައިލުމުގެ އަސްލު މޭސްތިރިޔަކީ އަމީރު ކަމަށެވެ.

ސައީދު ވިދާޅުވީ، އިގުތިސާދީ ދަތިކަމުގެ ވާހަކަ ދެއްކެވުމުގެ އެއްވެސް ހައިސިއްޔަތެއް އަމީރުގެ ކިބައިގައި ނެތް ކަމަށެވެ.

ސައީދުގެ ވާހަކަތަކަށް ރައްދުދެއްވައި އެކްސްގައި އަމީރު ވިދާޅުވީ މި ސަރުކާރަށް ތިން އަހަރުވާން ގާތްވެފައިވާއިރު ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރައިފައިވާ ކަމަށެވެ. ބޭރުން ޑޮލަރެއް ހޯދެން ނެތް ހާލަތެއްގައި، ސަރުކާރުން ދައުލަތުގެ ހަޒާނާއިން ބޮޑު އިސްރާފެއް ކުރަމުންދާ ކަމަށް އަމީރު ތުހުމަތުކުރެއްވި އެވެ. މީގެ އިތުރުން، އިންވެސްޓަރުން ސަރުކާރާ ފެޔަށް ޖެހި، މާލީ އިދާރާތަކުގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަމީރު ވިދާޅުވިގޮތުގައި، އެމްޑީޕީގެ ސަރުކާރުން ދަރަންޏަށް ފައިސާ ހޯދުނީ އިންވެސްޓަރުންގެ އިތުބާރު އޮތުމުންނެވެ. ނަމަވެސް މިހާރުގެ ސަރުކާރަށް ފައިސާ ދޭނެ ފަރާތެއް ނުވި ކަމަށް ވިދާޅުވެ، އޭނާ ވަނީ ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރާއްޖޭގެ އިގުތިސާދު ހަލާކުކޮށްލީ ސައީދު ކަމަށާއި، މާލީ އަދި އިގުތިސާދީ ސިޔާސަތުތައް ހާލަތާ ގުޅޭގޮތަށް ހިންގަން މި ސަރުކާރަށް ނޭނގޭ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި ދަރަނީގެ ވާހަކަ ދައްކަވަން ސައީދު ކުފޫ ހަމަނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.