ދެހާސް އަށާވީސް ވަނަ އަހަރު އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވާދަކުރައްވަން ނިންމަވާފައިވާކަން އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ޝާހިދު، އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ރަސްމީކޮށް ވާދަކުރައްވާކަން ހާމަނުކުރެއްވި ނަމަވެސް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި ޝާހިދު ގެންދަވަނީ ތައްޔާރުވަމުންނެވެ.
މީގެ ކުރިން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އޭނާ ވިދާޅުވެފައި ވަނީ ވެރިކަމަށް ވާދަކުރުމާ މެދު ގޮތެއް ނިންމުން އަދި މާ އަވަސް ކަމަށެވެ. އޭރު ޝާހިދު ބާރުއެޅުއްވީ މިހާރުގެ ސަރުކާރު ޖަވާބުދާރީކުރުވުމަށާއި، ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށެވެ. އަދި އޭނާގެ މުޅި ފޯކަސް ހުރީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ގައުމަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް ކަމަށް ވިދާޅުވެ، މާ ކުރިން ރިޔާސީ ރޭހަށް މިސްރާބު ޖަހައިފިނަމަ ޕާޓީއަށާއި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުފަ އެވެ.
މިހާތަނަށް އެމްޑީޕީގެ ތެރެއިން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާނު ކުރައްވާފައި ވަނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެވެ. މީގެ އިތުރުން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފަ އެވެ.
އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީއެންއެފްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ގެ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ހަމައެއާއެކު ވެރިކަންކުރާ ޕީއެންސީން ބުނަމުންދަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓު އަނެއްކާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެރުވުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސާ ބައްދަލުކުރަން އެދޭ މީހުން ނޯޓުކުރަން ހުޅުވާލައިފި
މިނިވަން ދުވަހު ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ނުބާއްވާނެ
"ލޮކް އަޕް"ގެ ތަޖުރިބާއިން ސުނީތާއަށް ލިބުނު ފިލާވަޅު ބުނެދީފި