ދުނިޔޭގެ އެންމެ މަގުބޫލު ކޭ-ޕޮޕް ބޭންޑު، ބީޓީއެސްގެ ފަސްވަނަ އަލްބަމް "އެއާރޭންގް"ގެ މަޝްހޫރު ލަވަ "ނޯމަލް"ގެ އާ މިއުޒިކް ވީޑިއޯ އާންމުކޮށް، ސްޓޭޖުގެ ކުލަގަދަ ދިރިއުޅުމުގެ ފަހަތުގައިވާ އެމީހުންގެ އާންމު ދިރިއުޅުމުގެ ހަގީގީ މަންޒަރުތައް ސަޕޯޓަރުންނަށް ދައްކާލައިފި އެވެ.
މި މިއުޒިކް ވީޑިއޯއާ އެކު، "ނޯމަލް"ގެ ކޮރިއަން ވާޝަން އާއި އިންސްޓްރުމެންޓަލް ވާޝަންވެސް ވަނީ ސްޕޮޓިފައި މެދުވެރިކޮށް ނެރެފަ އެވެ.
މިއުޒިކް ވީޑިއޯ ނެރުމުގެ ކުރިން ބީޓީއެސްއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަލް ކެމްޕޭނަކީ މުޅި ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބުނު ކެމްޕޭނެކެވެ.
އެމެރިކާގެ "ނިޔު ޔޯކް ޕޯސްޓް" ފަދަ މަޝްހޫރު ނޫސްތަކުގެ ފުރަތަމަ ސަފްހާގައި ބޭރުގެ ނޫސްތަކުގެ "ސްކޭންޑަލް" ނިއުސް ފެންނަ ގޮތަށް ޝާއިއުކުރި އިޝްތިހާރެއްގައި ބުނެފައިވަނީ، "ރޭގަނޑުގެ ވަގުތެއްގައި ބީޓީއެސްގެ މެމްބަރުން ފާޚާނާއެއްގެ ތެރޭގައި އެއްވެ ތިއްބާ ފެނިއްޖެ" ކަމަށެވެ.
އެ ފޮޓޯއާއެކު "މި ހާލަތަކީ އާންމު (ނޯމަލް) ހާލަތެއްތޯ ސުވާލު އުފެދޭ" ކަމަށް ލިޔެފައިވެ އެވެ. މި އިޝްތިހާރާއެކު ސަޕޯޓަރުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ހިނގައި، "ނޯމަލް"ގެ ވީޑިއޯއަށް އޮތް އިންތިޒާރު ވަރަށް ބޮޑަށް އިތުރު ވެގެންދިޔަ އެވެ.
މިއުޒިކް ވީޑިއޯގައި ބީޓީއެސްގެ މެމްބަރުން ކަމަށްވާ އާރްއެމް، ޖިން، ޝޫގާ، ޖޭ-ހޯޕް، ޖިމިން، ވީ، އަދި ޖަންގްކޫކްގެ ދިރިއުޅުމުގެ އެންމެ އާދައިގެ، އަދި ފޮރުވުމެއް ނެތް ހަގީގީ މަންޒަރުތައް ފެނިގެންދެ އެވެ.
ސްޓޭޖުމަތީގެ ކުލަގަދަ، އަދި އެތައް މިލިއަން ސަޕޯޓަރުންގެ ސަމާލުކަމުގެ ތެރޭގައި އުޅުމަށްފަހު، ގޭގެ ހިމޭން މާހައުލުގައި އާއިލާއާއި، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކާއެކު ވަގުތު ހޭދަކުރާ މަންޒަރުތައް މިއުޒިކް ވީޑިއޯއިން ދައްކުވައިދެ އެވެ.
މިއުޒިކް ވީޑިއޯގެ ތެރެއިން ބޭންޑުގެ މާޒީގެ މަޝްހޫރު ލަވަތައް ކަމަށްވާ "ބޯއި އިން ލަވް"، "ޔަންގް ފޯއެވާ"، އަދި "ސްޕްރިންގް ޑޭ" ފަދަ ލަވަތަކުގެ މަންޒަރުތަކަށް އިޝާރާތްކުރާ ކަންކަން ހިމަނާފައިވެ އެވެ.
އިޝްތިހާރުގައި ފެނުނު ފާހާނާގެ މަންޒަރުވެސް މިއުޒިކް ވީޑިއޯގައި ހިމަނާފައިވާ އިރު، މެމްބަރުންގެ މެދުގައި އޮތް ގާތްކަމާއި މަޖާ މިޒާޖު އެ މަންޒަރުތަކުން ސާފުކޮށް ފެނިގެންދެ އެވެ.
އޭޕްރީލް މަހު ނެރުނު "ނޯމަލް" ވަނީ ބިލްބޯޑް ހޮޓް 100 ޗާޓުގެ 41 ވަނައިގައި ޖާގަ ހޯދާފަ އެވެ. އެމީހުންގެ ފަސްވަނަ އަލްބަމް "އެއާރޭންގް" ވަނީ ބިލްބޯޑް 200 ޗާޓުގެ އެއްވަނައިގައި ތިން ހަފްތާ ވަންދެން ހިފަހައްޓާފަ އެވެ.
މެކްސިކޯއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ: މެޓް
މެސީ އާއި ޔަމާލްގެ ފުރަތަމަ ފެނުން: މެސީއަށް ގަބޫލުކުރަން ދަތި
އެމެރިކާއާއި އީރާނުން އުމްރާނީ ވަސީލަތްތަކަށް ހަމަލާދެނީ