އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ކޮންމެ މާހައުލަކަށް ދިޔަކަމުގައި ވިޔަސް އެހެން މީހުންގެ ހިތްތަކުގައި އެދެވޭ އަދި ފުން އަސަރެއް ތިބާއާމެދު އުފެއްދުމަކީ ދިރިއުޅުމުގެ ތަފާތު ދާއިރާތަކުން ކުރިއަރައި ދިއުމަށް ލިބޭ ބޮޑު ބާރެކެވެ.

އަމިއްލަ ނަފްސަށް އިތުބާރު ކުރުމަކީ ހަމައެކަނި ބައެއް މީހުންނަށް އުފަންވާއިރު ލިބިފައިވާ ހުނަރެއް ނޫނެވެ. އެއީ ތިބާގެ ވިސްނުމާއި، އަމަލުތަކާއި، ހަށިގަނޑުގެ ހަރަކާތްތަކަށް ގެންނަ ކުދިކުދި ބަދަލުތަކުން ދަސްކުރެވިދާނެ ކަމެކެވެ.

އަންނަނިވި 7 ނަފްސާނީ އުކުޅަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަކޮށް، ކޮންމެ ތަނަކުންވެސް ތިބާއަކީ ފާހަގަކޮށްލެވޭ ފަރާތަކަށް ހެދުމަށް އެހީތެރިވެދޭނެ ކަންކަމެވެ:

1. އަމިއްލަ ނަފްސާމެދު ދެކޭގޮތް ބަދަލު ކުރުން

ތިބާ އަމިއްލަ ނަފްސާ މުހާތަބުކުރާ ގޮތަކީ ވަރަށް މުހިންމު ކަމެކެވެ. "އަހަންނަކަށް މިކަމެއް ނުވާނެ" މިއީ ސިކުނޑިއަށް ދެވޭ ނުބައި މެސެޖެކެވެ. އެއާ ހިލާފަށް "އަހަންނަށް މިކަން ކުރެވިއްޖެނަމަ ވާނީ ކިހިނެއް؟" ނުވަތަ "މިކަން ކުރުމަށް ކުރެވިދާނެ ކަމަކީ ކޮބާ؟" މިފަދައިން ސުވާލުކުރަން ފަށާށެވެ. މިފަދަ ކުޑަކުޑަ ބަދަލަކުން ހިތުގައި އުފެދޭ ބިރުވެރިކަން ނައްތާލައި، ސިކުނޑި އިތުރަށް ހުޅުވާލުމަށް މަގުފަހިވާނެ އެވެ.

2. ލީޑަރުންގެ ސިފަތައް ދެއްކުން

މުހިންމު ބައްދަލުވުމަކަށް، އިވެންޓަކަށް ނުވަތަ އިޖުތިމާއީ އެއްވުމަކަށް ވަނުމުގެ ކުރިން، މަދު ސިކުންތުކޮޅަކަށް ސީދަލަށް، ކޮނޑު ފަހަތަށް ޖައްސާލައި، މޭމަތި ހުޅުވާލައިގެން ހުންނާށެވެ. ހަށިގަނޑުގެ ސިފައާއި ކޮޅަށް ހުންނަ ގޮތް ރަނގަޅު ކުރުމުން އެހެން މީހުން ތިބާއަށް ބަލާ ގޮތް ބަދަލުވުމުގެ އިތުރުން، އަމިއްލަ ނަފްސަށް އޮންނަ ހަމަޖެހުމާއި ތައްޔާރީތައް އިތުރުވެގެންދެ އެވެ.

3. ހަށިގަނޑުގެ ހަރަކާތްތަކުން އިތުބާރު ދެއްކުން

ތިބާގެ ހަށިގަނޑުގެ ހަރަކާތްތަކުން (ބޮޑީ ލޭންގުއޭޖް) ތިބާގެ އިޙްސާސްތަކަށް ސީދާ އަސަރުކުރެ އެވެ. ސީދަލަށް ހުރެ، އުނގަނޑުގައި އަތް ބަހައްޓާލައިގެން ހުރުމަކީ އިތުބާރު ހުރި މީހެއްގެ ސިފަ ދައްކުވައިދޭ ކަމެކެވެ. މިއީ އެކަނި އިތުބާރު އުފައްދައިދޭ ކަމަކަށް ނުވި ނަމަވެސް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަރުގަދަ ކުރުމަށް އެހީތެރިވެދެ އެވެ.

4. އެދެވޭ އަދި ކާމިޔާބު ނަތީޖާއެއް ސިފަ ކުރުން

މުހިންމު ކަމަކާ ކުރިމަތިލުމުގެ ކުރިން، ލޯ މަރާލައިގެން އިނދެ 30 ސިކުންތު ވަރު އެކަމެއް ކާމިޔާބުކަމާއެކު ނިންމާލެވޭ މަންޒަރު ސިފަ ކޮށްލާށެވެ. ތިބާ ސާފުކޮށް ވާހަކަދައްކާ މަންޒަރާއި، ހިނިތުންވެފައިވާ ތަނާއި، ހަމަޖެހިގެން ހުންނަ ތަން ސިކުނޑީގައި ކުރަހާލާށެވެ. މިއީ ކަންކަމަށް ތައްޔާރުވުމަށާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް ގިނަ ކާމިޔާބު މީހުން ބޭނުންކުރާ ނަފްސާނީ އުކުޅެކެވެ.

5. އެކަށީގެންވާ އަދި ފަސޭހަ ހެދުމެއް އިހްތިޔާރު ކުރުން

އިތުބާރަކީ އެތެރެއިން އުފެދޭ އެއްޗެއް ކަމުގައި ވިޔަސް، ތިބާ އަޅައިގެން ހުންނަ ހެދުމަކީވެސް ތިބާގެ އިޙްސާސްތަކަށް އަސަރުކުރާ ކަމެކެވެ. ތިބާއަށް ފަސޭހަ، އަދި ތިބާގެ އަމިއްލަ ޝަހްސިއްޔަތު ދައްކުވައިދޭ ފަދަ ހެދުމެއް އިހްތިޔާރު ކުރާށެވެ. ރަނގަޅު ހެދުމެއްގައި ހުރުމުން ކޮންމެ މަޖިލީހަކަށްވެސް ވަދެ ނުކުންނަން ފަސޭހަވާނެ އެވެ.

6. "ސްޕޮޓްލައިޓް އިފެކްޓް" މަތިން ހަނދާން ކުރުން

ގިނަ ފަހަރަށް އަހަރެމެންނަށް ހީވަނީ އަހަރެމެންނަށް ހެދޭ ކުދިކުދި ގޯސްތައް އެހެން އެންމެންނަށް ފެންނަ ކަމަށެވެ. ނަމަވެސް ހަގީގަތަކީ، ގިނަ މީހުން ސަމާލުކަން ދެނީ އަމިއްލަ ނަފްސަށެވެ. ތިބާ ކޮންމެ ތަނަކަށް ދިޔަޔަސް އެތަނަކަށް ތިބާ ހައްގުވާކަން ގަބޫލު ކޮށްގެން އުޅޭށެވެ. އެހެން މީހުން ތިބާއާމެދު ދެކޭފާނެ ގޮތަކާމެދު ބިރުގަތުން ހުއްޓާލާށެވެ.

7. ފުރިހަމަ އިތުބާރު ނުލިބުނަސް، އިތުބާރު ހުރި ގޮތަކަށް އަމަލު ކުރުން

ކަމެއް ކުރަން ފެށުމުގެ ކުރިން ފުރިހަމަ އިތުބާރު ލިބެންދެން މަޑުކުރާކަށް ނުޖެހޭނެ އެވެ. ސާފުކޮށް ވާހަކަ ދެއްކުމާއި، މީހުންނާ ހަތަރު ކަޅި ހަމަކޮށްގެން ބވާހަކަ ދެއްކުމާއި، ހަމަޖެހިގެން އުޅުމަކީ އާދައަކަށް ހަދާށެވެ. ވަގުތު ހިނގަމުންދާ ވަރަކަށް މި އަމަލުތަކުގެ ސަބަބުން ތިބާގެ އެތެރޭގެ އިތުބާރު އިތުރުވެ، އެއީ ތިބާގެ ބަޔަކަށް ވެގެންދާނެ އެވެ.