ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާ އެކު، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭ ގޮތަށް 'ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދު' އަށް އިސްލާހު ގެނެސް އިއްޔެ އާންމުކޮށްފި އެވެ.

މި އާ ގަވާއިދު އާންމުކުރުމާ ގުޅިގެން، 2024 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި ކުރީގެ ގަވާއިދު މިހާރު ވަނީ އުވިފަ އެވެ. އަލަށް އަމަލުކުރަން ފެށި މި ގަވާއިދަށް ގެނެސްފައިވާ އެންމެ މުހިންމު ބަދަލަކީ، ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކަށް ބިން ދޫކުރެވޭނެ މަގު ފަހިކޮށްދިނުމަށް މާއްދާއެއް އިތުރުކުރުމެވެ.

ގަވާއިދުގައި އަލަށް ހިމެނި 'ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކަށް ބިން ދޫކުރުން' މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ގަވާއިދުގެ އެހެން ތަނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ސަރުކާރުން ކަނޑައަޅާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިން ދޫކުރެވޭނެއެވެ. މިގޮތަށް ބިން ދޫކުރެވޭނީ ބިމާ ބެހޭ އިދާރާގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންނެވެ.

ބިން ދޫކުރާއިރު އެ ބިމެއްގެ އަގާއި ކުލި ކަނޑައަޅާނީ މީގެ ކުރިންވެސް އަމަލުކުރަމުން އައި އުސޫލުން، އެކަމަށްޓަކައި އެކުލަވާލާފައިވާ 'ލޭންޑް ވެލުއޭޝަން ކޮމިޓީ' އިންނެވެ. މި ކޮމިޓީގެ މުގައްރިރަކަށް ހުންނަވާނީ ރައީސް އައްޔަންކުރައްވާ މެންބަރެކެވެ.

ޖުމްލަ ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގައި ހިމެނޭ އިދާރާތަކަށްވެސް އާ ގަވާއިދުގެ ދަށުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ކުރިން ކޮމިޓީގައި އޮތް މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ ވަނީ އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި، ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ދެ މެންބަރުން ކޮމިޓީގައި ތިއްބަވަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ކޮމިޓީގައި ތިއްބަވާނެ މެންބަރުންނަކީ:

މާލީ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް

  1. ބިން ބޭނުންކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ ދެ މެންބަރުން
  2. އިގްތިސާދާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
  3. މަސްވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
  4. ފަތުރުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
  5. އިމާރާތްކުރުމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
  6. ދަނޑުވެރިކަމާ ގުޅޭ ކަންކަމާ މަސްއޫލުވާ ވުޒާރާގެ މެންބަރެއް
  7. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) ގެ މެންބަރެއް